ކުޑަ ކުދިންނަށް ކުރާ ގޯނާ

 

ކުޑަ ކުދިންނަށް ކުރާ ގޯނާ

 

ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް, އަނިޔާއެއް ނުވަތަ އިހުމާލެއް ވަމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ނުވަތަ ގަބޫލު ކުރެވިއްޖެނަމަ ލަސް ނުކުރައްވާ އަޅުގަނޑުމެންގެ އިމަރޖެންސީ ނަމްބަރ 119 އަށް ގުޅުއްވާށެވެ.

 

ކުޑަކުދިންނަށް ކުރާ ގޯނާ

ކުއްޖެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ހެދި ބޮޑުވުމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަމަށް ބެލެވޭ ކޮންމެ އަމަލަކީ ކުޑަކުދިންނަށް ކުރެވޭ ގޯނާއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކަކީ:

- އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް

- ޖިންސީ ގޯނާކުރުން

- އިހުމާލުވުން

- ދެރަކުރުމާއި ލަދު ގެންނެވުން

- އުމުރާއި ނުގުޅޭ އަދަބު ދިނުން

- އުމުރާއި ނުގުޅޭ ބަހުރުވައިން މުއާމަލާތް ކުރުން

 

އަނިޔާ ލިބޭ ކުދިން ދެނެގަންނާނީ ކިހިނެތް؟

ކުޑަ ކުދިންނަށް އަނިޔާ ލިބޭނަމަ ނުވަތަ އިހުމާލެއް ވެވޭނަމަ އެންމެ ފުރަތަމަ ބަދަލު އަންނަން ފަށާނީ ކުދިންގެ އުޅުމަށެވެ. އަދި މިފަދަ ބަދަލުތައް އެންމެ ރަނގަޅަށް އެންމެ އަވަހަށް ފާހަގަ ކުރެވޭނީ އެކުއްޖަކު ބަލަހައްޓާ ބެލެނިވެރިއަކަށެވެ. މިގޮތުން ފާހަގަ ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

- އުޅުމަށް ބަދަލު އައުން

- ރައްޓެހިންނާއި ދުރުވުން

- މިޒާޖަށް ބަދަލު އައުން

- ކެއިން ބުއިމަށް ބަދަލުއައުން

- ތަންމައްޗަށް ނުވަތަ ގަޔަށް ކުޑަކަމުދެވުން

- ކިޔެވުމާއި ދުރުވުން

 

ޖިންސީ ގޯނާގެ އަލާމާތްތައް

ތިރީގައިވާ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެނިއްޖެނަމަ ލަސް ނުކުރައްވާ ސިއްހީ ފަރުވާދޭ ތަނަކަށް ކުއްޖާ ގެންދަވާށެވެ. މިފަދަ ހާލަތެއްގައި ކުއްޖާއަށް ލިބެންޖެހޭ ސިއްހީ ފަރުވާ ނުލިބިއްޖެނަމަ ނުވަތަ ލަސްވެއްޖެނަމަ ބެލެނިވެރި ފަރާތުން ކުއްޖާއަށް އިހުމާލުވުމުގެ ކުށުގެ ޒިންމާ އުފުލަންޖެހޭނެއެވެ.

- ޖިންސީ ގުނަވަން ނުވަތަ ގުނަވަނުގެ ކައިރިއަށް ތަދުވުން, ލޭއައުން, ނޫފައިގަތުން, ކެހުން

- ޖިންސީ ގުނަވަނަކަށް ތަދުވެ ނުވަތަ އުނދަގޫވާތީ އިށީނދެ އިންނަން ނުވަތަ ހިނގާ ބިނގާވެ އުޅެން ދަތިވުން

- ޔޫރިނަރީ އިންފެކްޝަނެއް ޖެހުން

- ހެދުން ބަދަލުކުރަން ބިރު ގަތުން ނުވަތަ ބޭނުން ނުވުން

- ޖިންސީ މުއާމަލާތްތަކުގެ ނަންތަކާއި ބަސްމަގު އެނގުން ނުވަތަ ޝައުގު އުފެދުން

 

 ނޯޓް: ޖިންސީ ގޯނާ ލިބޭ ކުދިންގެ ފަރާތުން ޖިސްމާނީ ގޯނާ ލިބޭ ކުދިންގެ ފަރާތުން ފެންނަ ފަދަ ކަންކަންވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

 

ސަމާލުކަން ދޭންވީ ކަންކަން

ކުދިންގެ ގެންގުޅޭ ބެލެނިވެރި ފަރާތްތަކުން ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ސާމާލުވެ ފާރަވެރިވާން ވާނެއެވެ. ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކަކީ އެކުދިންނާއި އާއިލީ ގުޅުން އޮންނަ ނުވަތަ ގެއަށް އައިސް އުޅޭ އާއިލީ ރައްޓެހިންގެ ފަރާތުން ކުރެވޭ ގޯނާގެ ސަބަބުން ހުށަހެޅޭ މައްސަލަތަކެކެވެ. ކުދިން ގެންގުޅޭ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

- އެއްެވެސް މީހަކު ކުދިންނާއި އެކު އެކަހެރި ވިޔަ ނުދިނުން

- އެއްެވެސް މީހަކު ދެކެ ކުދިން ބިރު ގަންނަ ނަމަ އެކުދިން ދައްކާ ވާހަކަ ކަނުލައި އަޑުއެހުން

- ކުދިންނަށް މާބޮޑަށް ހެޔޮ ވެގެން ހަދިޔާ ގެނެސްދީ އަދި ތަންތަނަށް ގެންދަން އުޅޭނަމަ އެކަމަށް ސާފު ބަހުން ހުރަސް އެޅުއްވުން

- ކުދިން ދާން ބޭނުން ނުވާ ޓިއުޝަން ޓީޗަރުން ކުޅިވަރު ކޯޗުން ކައިރިއަށް ކުދިން ނުފޮނުވުން

- އާއިލާގެ މީހުންނާއި ގާތް ރައްޓެހިންވެސް ކުދިންގެ ގަޔަށް އަތްލާ ހަދަން ފުރުސަތު ނުދެއްވުން

 

ޖިންސީ ގޯނާ އާއި ބެހޭ ގޮތުން ކުދިން ދައްކާ ވާހަކަ އަޑު އައްސަވައި ގަބޫލު ކުރައްވާށެވެ. އަދި އެކަމުގައި ކުއްޖާ ކުށްވެރި ނުކުރައްވާ އަޅުގަނޑުމެނަށް ރިޕޯޓް ކުރައްވާށެވެ.

 

މައްސަލަ ހުށަހަޅާނީ ކިހިނެތް؟

އަޅުގަނޑުމެންގެ ތިރީގައިވާ ނަމްބަރުތަކަށް ގުޅުއްވައިގެން 24/7 ގައި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅުއްވޭނެއެވެ.

އިމަރޖެންސީ 119

އާއްމު ނުވަތަ ނޮން އިމަރޖެންސީ 2111 332

 

މި ދެ ނަމްބަރުގެ އިތުރުން އަޅުގަނޑުމެންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ތިރީގައިވާ ނަމްބަރުތަކަށްވެސް މައްސަލަ ހުށަހެޅުއްވޭނެއެވެ.

300 0600

979 0163

 

ފުލުހުންގެ އިތުރުން ތިރީގައި ފަރާތްތަކަށްވެސް ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅުއްވޭނެއެވެ.

 

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، 8393 332

ކުޑަކުދިންގެ ހެލްޕްލައިން، 1412

 

މައްސަލަ ހުށަހެޅުމުން ދެން ވާނީ ކިހިނެތް؟

ކުޑަކުދިންނަށް ގޯނާ ކުރުމާއި އިހުމާލުވުމުގެ މައްސަލަތަކަކީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލާ ތަހްގީގު ކުރާނެ މައްސަލަތަކެކެވެ. މިފަދަ މައްސަލައެއް ހުށަހެޅުމުން އެއްމެ ފުރަތަމަ އެންމެބޮޑު އިސްކަމެއް ދީގެން އަޅުގަނޑުމެން ކުރާނެ ކަމަކީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. މީގެ އިތުރުން އާއްމު އުސޫލުން ތިރީގައިވާ ކަންކަން އަޅުގަނޑުމެން ކުރާނަމެވެ.

- ކުއްޖާގެ މެޑިކަލް އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން

- ކުއްޖާއާއި ސުވާލުކުރުން

- ބެލެނިވެރިންނާއި ސުވާލުކުރުން

- ލިބިފައިވާ އަނިޔާ ނުވަތަ ގެއްލުމުގެ ފޮޓޯ ނެގުން

- އެހެން ގޮތެއް ނެތިއްޖެނަމަ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން

 

ކުއްޖާއާއި ފުލުހުން ސުވާލު ކުރާނީ އަބަދުވެސް ކުއްޖާގެ ބެލެނިވެރިއެއް ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ މީހެއްގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ވޯކަރެއްގެ ހާޒިރުގައެވެ. ފުލުހުންގެ ތެރެއިން ކުޑަކުދިންގެ މައްސަލަތަކުގައި އެކުދިންނާއި ސުވާލު ކުރެވޭނީ އެކަމަށް ހާއްސަ ތަމްރީނު ދެވިފައިތިބޭ ފުލުހުންނެވެ. ސުވާލުކުރާ އިރު ފުލުހުން ތިބޭނީ ކުލަ ހެދުމުގައެވެ. އަދި މިސެޝަންގެ ވީޑިއޯ ރެކޯޑިންގ ހަދާނެއެވެ.

 

މައްސަލަ ކުރިއަށް ދާ ގޮތުގެ މައުލޫމާތު ހޯދުން

މައްސަލަ ހުށަހެޅުމުން އެމައްސަލައަކީ ހުށަހެޅާ ފަރާތުގެ ފަރުދީ މަސްލަހަތެއް އޮތް މައްސަލައެއް ނަމަ އެމައްސަލަ ކުރިއަށް ދާ ގޮތުގެ މައުލޫމާތު އެސްއެމްއެސް އިން ލިބުމަށް އެދެވިދާނެއެވެ. މިގޮތަށް އަމަލު ކުރެއްވުމުން މައްސަލައާއި ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ މައުލޫމާތުތައް އެސްއެމްއެސް މެދުވެރިކޮށް ހުށަހަޅާ ފަރާތަށް ލިބެމުންދާނެއެވެ.

 

ފަރުދީ މަސްލަހަތު އޮންނަ މައްސަލަތަކަކީ ސީދާ ހުށަހަޅާ ފަރާތާއި ގުޅުން ހުރި މައްސަލަތަކެވެ. މިސާލަކަށް ހުށަހަޅާ ފަރާތުގެ ފޯނު ފޭރުނު މައްސަލައެއް ނުވަތަ ހުށަހަޅާ ފަރާތުގެ ގެއިން ވައްކަން ކުރި މައްސަލަ ފަދަ މައްސަލަތަކުގެ އެސްއެމްއެސް އަޕްޑޭޓްސް ހޯދުމަށް އެދެވިދާނެއެވެ. ނަމަވެސް ފުލުހުންނަށް ދޭ މައުލޫމާތަކާއި ގުޅިގެން ފުލުހުން ކުރާ މަސައްކަތުގެ އަޕްޑޭޓްސް ހޯދުމަށް މި ހިދުމަތް ބޭނުމެއް ނުކުރެވޭނެއެވެ. މިސާލަކަށް މީހަކު މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކަމުގެ މައުލޫމާތު ދިނުމަށްފަހު އަޕްޑޭޓްސް ހޯދުމަށް ނުވަތަ ހުށަހަޅާ މީހަކާއި ގުޅުމެއް ނެތް ތަނެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ދިނުމަށްފަހު ތަހްގީގު ކުރިއަށް ދާ ގޮތް ހޯދުމަށް މި ހިދުމަތް ބޭނުމެއް ނުކުރެވޭނެއެވެ. މި ހިދުމަތަށް އެދޭނީ މައްސަލަ ހުށަހަޅާ ވަގުތުއެވެ.